ޚަބަރު

ކުރިން ދިމާނުވާ ގިނަ ހުރަސްތަކެއް ނޫސްވެރިންނަށް ދަނީ ކުރިމަތިވަމުން: މީޑިއާ ކައުންސިލް

10 މާރޗް 2015 | ޚަބަރު

މުޒާހަރާތަކާއި ޝަރީއަތްތައް އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް މީގެ ކުރިން ދިމާނުވާ ގިނަ ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ މީޑިއާ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މީޑިއާ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވި ގޮތުގައި ނޫސްވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އެ ކައުންސިލުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަންޖެހޭ ފަރާތްތަކާ އެކު ވާހަކަ ދައްކައި ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކައުންސިލް މެމްބަރު އަދި "ހަވީރު" ނޫހުގެ ލޯކަލް އެޑިޓަރު އަހްމަދު ހަމްދޫން ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ދެ ޝަރީއަތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް އެ ކޯޓުން ނިންމުމަކީ މީޑިއާ ކައުންސިލުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ވަކި ދެ ޝަރީއަތަކަށް މީޑިއާއެއް ނުވައްދާ ގޮތަށް ކޯޓުން ހަމަޖެއްސުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީޑީއާ ކައުންސިލްގެ ވިސްނުމަކީ ރާއްޖެ ޓީވީ ޝަރީއަތްތަކުން ބޭންކުރުމަށް ވުރެ ބޮޑަށް އެކަން ހިންގި ނޫސްވެރިންނާ ދޭތެރޭ ފިޔަވަޅުއެޅުން އެއީ، އޭގެ އެންމެ ރަނގަޅު ގޮތް ކަމަށް. ރާއްޖެ ޓީވީގެ ނޫސްވެރިންގެ މައްޗަށް ކޯޓުން ތުހުމަތުކުރަނީ ވަރަށް ބޮޑެތި ކަންތައްތަކެއް،" ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ ހަށިކޮޅަށް ގެއްލުންވާ ކަމަށް ބުނެ ރާއްޖެ ޓީވީގެ ކޯޓަށް ނުވެއްދަން ނިންމި އިރު، އެ މައްސަލައިގެ ތަފްސީލެއް ކޯޓުން ދީފައެއްނުވެ އެވެ.

މަޖިލީހުގެ ޖަލްސާތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދިމާވަމުންދާ ދަތިތަކުގައި ވެސް މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޓީވީ ސްޓޭޝަންތަކަށް ދޫކޮށްފައިވާ ފީޑް ކަނޑާލުމުން މަޖިލިސް ތެރޭގައި ހިނގާ ކަންކަން ނޭނގޭއިރު، ނޫސްވެރިން މަޖިލީހުގައި ތިބެ ކަވަރުކުރެވޭނެ ރަނގަޅު އިންތިޒާމެއް ވެސް ހަމަޖައްސާފައި ނުވާ ކަން ހަމްދޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަޖުރިބާއަކީ މަޖިލީހަށް ލެޕްޓޮޕެއް ނުވެއްދޭ. ކުރިން ކުރަމުން އައި ގޮތަކަށް ނޫން މިހާރު ނޫސްވެރިކަން ކުރަނީ، ވަރަށް ތަފާތުކޮށް، މަޖިލީހުގައި ހިނގާ ކަންކަން ލައިވްކޮށް ހަބަރު އަޕްލޯޑްކުރަނީ. އެކަމަކު އެ ކަހަލަ އިންތިޒާމެއް ނެތް،" ހަމްދޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކުގެ ފީޑް ކަނޑާލާ ނަމަ، ޖަލްސާ ވަގުތުން ކަވަރުކުރެވޭނެ ފަދަ އިންތިޒާމެއް މަޖިލީހުން ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ. އެކަމުގައި މަޖިލީހުގެ ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވި ގޮތުގައި މުޒާހަރާތައް ކަވަރުކުރަން ނޫސްވެރިން ހަރަކާތްތެރިވަމުންދާ ގޮތާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. މިހާރު ހިނގަމުންދާ ޝަރީއަތްތަކުގައި ކޯޓަށް ހާޒިރުކުރާ ބޭފުޅުންގެ ފޮޓޯ ނެގުމުގެ އިންތިޒާމް ނޫސްވެރިންނަށް ހަމަޖައްސައިދޭން ވެސް ފުލުހުންނަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާ ކަވަރުކުރުމުގައި ސޯޝަލް މީޑިއާގެ ނަމުގައި ފާސް އަޅައިގެން މުޒާހަރާ ތެރޭގައި އުޅުމާއި ފުލުހުންގެ އެންގުންތަކަށް ބައެއް ނޫސްވެރިން އަމަލުނުކުރުމަކީ ފުލުހުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ހަމްދޫން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މެމްބަރު މިއުސަމް އައްބާސް ވިދާޅުވީ މިހާރު ކަންކަން ހިނގަމުންދާ ގޮތުން ނޫސްވެރިންނާއި މުއައްސަސާތަކާ މެދު ވަނީ ކަންބޮޑުވުންތަކެއް އުފެދިފައި ކަމަށެވެ. އެ މައްސަލަތައް ހައްލުކުރަން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.