ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބަށް ނޫސްވެރިން ތަމްރީން ކޮށްފި

02 އޭޕްރިލް 2017 | ޚަބަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނޫސްވެރިން ތަމްރީންކުރުމަށް، ތަމްރީން ޕްރޮގްރާމެއް 01 އޭޕްރީލް 2017 ވީ ހޮނިހިރު ދުވަހު ބާއްވައިފިއެވެ.  އިލެކްޝަންސް ކޮމިޝަނުން މި ތަމްރީން ޕްރޮގްރާމް އިންތިޒާމުކޮށް ކުރިއަށްގެންދެވީ، ލޯކަލް ކައުންސިލް އިންތިޚާބާބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުން އެދި، މޯލްޑިވްސް މީޑިއާ ކައުންސިލުން ދެންނެވި ދެންނެވުމަކަށެވެ. މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. ތަމްރީން ޕްރޮގްރާމްގައި 8 މީޑިއާއަކުން 22 ނޫސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޕްރޮގްރާމް ކުރިއަށް ގެންދިއައީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒު (ކުރީގެ ބައުޖަމާލުއްދީން) ގައެވެ.

މި ތަމްރީން ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ އިލެކްޝަން ކޮމިޝަންގެ ޓްރެއިނަރުންނެވެ. އިލެކްޝަންސް ކޮމިޝަނުން ތަމްރީން ޕްރޮގްރާމްގައި ކުރިއަށްގެންދަވާފައިވަނީ، މައިގަނޑު ގޮތެއްގައި ހަތް ޕްރެޒެންޓޭޝަނެއްގެ މައްޗަށެވެ. އޭގެތެރޭގައި ޝަކުވާ ހުށަހެޅުމުގެ ނިޒާމާއި، އިންތިޚާބުގައި މަނާ ކަންތައްތަކާއި، ވޯޓުލާ މީހުންގެ ޙައްޤުތަކާއި، ވޯޓުނެގުމުގެ ޕްރޮސެސްއާއި، ވޯޓު ގުނުން އިންތިޒާމުކުރެވިފައިވާ ގޮތް ހިމެނެއެވެ. މީގެ އިތުރުން، "އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން" މި މައިގަނޑު ނަމުގެ ދަށުން ގެނެސްދެވޭ ޕްރެޒެންޓޭޝަނެއް ވެސް ހިމެނެއެވެ. މީގެ އިތުރުން މީޑިއާގެ ގައިޑްލައިނަކާއި، ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންނަށް ހުޅުވާލެވިފައިވާ ސުވާލާއި ޖަވާބުގެ ސެޝަނަކާއި، ޓްރޭނިންގ ފީޑްބެކް ނެގުންވެސް ކުރިއަށް ގެންދެވިއެވެ.  

އަދި، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ޕްރޮގްރާމް ފުރިހަމަކުރެއްވި ބޭފުޅުންނަށް އިލެކްޝަންސް ކޮމިޝަނުން ސެޓްފިކެޓް ދެއްވިއެވެ.

02 އޭޕްރީލް 2017