ޚަބަރު

މީޑިއާ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިންތިހާބު ބާތިލްކޮށްފި

06 ޑިސެމްބަރު 2014 | ޚަބަރު

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިހާބު ހޯމް މިނިސްޓްރީން މިއަދު ބާތިލްކޮށް އަލުން އިންތިހާބު ބާއްވަން ނިންމަވައިފި އެވެ. 

ހޯމް މިނިސްޓްރީން ބުނި ގޮތުގައި އިންތިހާބު ބާތިލް ކުރީ، މީޑިއާ ކައުންސިލްގެ ރައީސާއި ނައިބު ރައީސަކު ހޮވަން ވާނީ ސިއްރު ވޯޓަކުން ކަމަށް ގާނޫނުގައި ބުނެފައި އޮތް ނަމަވެސް އެ އިޖުރާއަތުތަކާ ހިލާފަށް އިންތިހާބު ބޭއްވުމުންނެވެ. 

ރައީސާއި ނައިބު ރައީސްގެ އިންތިހާބުގައި ނަގަން ވާނީ ސިއްރު ވޯޓެއް ކަމަށް ގާނޫނުގައި އޮތް ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ އިންތިހާބުގައި ހުށަހެޅި ދެ ނަމަށް އެއްވެސް މެމްބަރަކު އިއުތިރާޒް ނުކުރުމުން ވޯޓަކަށް ނުގޮސް އެ ދެބޭފުޅުން އިންތިހާބުވީ ކަމަށް ނިންމީ އެވެ. 

މީޑިއާ ކައުންސިލްގެ ރައީސަކަށް އެ ދުވަހު އިންތިހާބުކުރީ މުހައްމަދު އާސިފް (މޮންދު) އެވެ. ނައިބު ރައީސަކަށް އިންތިހާބުކުރީ އަހުމަދު ޝަރީފް ނަފީސެވެ. 

މީޑިއާ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިންތިހާބު އަލުން ބާއްވާނީ މިއަދު މެންދުރު 2:00 ގައި ހޯމް މިނިސްޓްރީގަ އެވެ.