މީޑިއާ ކައުންސިލުން، މީޑިއާތަކާ ބައްދަލުކުރުމަށް ރާވާފައިވާ ޕްރޮގްރާމުގެ
ދަށުން، 2017 މޭ 23 ވީ އަންގާރަ ދުވަހު، ޕީއެސްއެމްގެ އިސްވެރިންނާ، މީޑިއާ
ކައުންސިލުން ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި ދެފަރާތުން ގުޅިގެން
ކުރެވިދާނެ ކަންކަމާބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި ޕީއެސްއެމްއަށް
އައިސްފައިވާ ކުރިއެރުމާއި، އެތާނގެ ވެރިންގެ ތަޖުރިބާތައް، މީޑިއާ ކައުންސިލުގެ
އިސްވެރިންނާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ޕީއެސްއެމްގެ ފަރާތުން، ޕީއެސްއެމްގެ އެމްޑީ
އިބްރާހީމް ޚަލީލާއި، ޑީއެމްޑީ މުޙައްމަދު އިކުރާމު ޢަބްދުއްލަޠީފާއި، މެނޭޖަރ
ކޮންޓެންޓް ފަޔާޟު ޔޫސުފާއި، ބައެއް ސެކްޝަންތަކުގެ ވެރިން
ބައިވެރިވެވަޑައިގެންނެވިއެވެ.
މީޑިއާ ކައުންސިލުގެ ފަރާތުން، ކައުންސިލުގެ ރައީސް ޢަބްދުލްމުޢީދު ޙަސަނާއި،
ޕަބްލިކް ރިލޭޝަން ކޮމިޓީގެ މުޤައްރިރު އަޙްމަދު މުޖުތަބާ އާއި، އެތިކްސް އެންޑް
ލީގަލް ކޮމިޓީގެ މުޤައްރިރު އަސްޢަދު ޝަރީފާއި، ކައުންސިލުގެ އެސްޖީ މުޙައްމަދު
ފަރުޞަތު ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، ނޫސްވެރިން
ތާޒާކޮށް ފެންވަރު މަތިކުރުމާއި، މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ދޭ
އިނާމުދިނުމުގެ އިޙުތިފާލު އިންތިޒާމުކުރުމާއި، މީޑިއާގެ ޤާނޫނާއި ގަވާއިދަށް ނޫސްވެރިންނާއި
އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ. އަދި ދަރިވަރުންގެ މެދުގައި
ނޫސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކުރުމާބެހޭ ގޮތުން ވެސް
މަޝްވަރާކުރެވުނެވެ. އެ މަޝްވަރާގައި، ތަރައްޤީވެފައިވާ އެހެން ޤައުމުތަކުން
ޢަމަލުކުރާ ގޮތް ބަޔާންކުރައްވައި، އެ ޤައުމުތަކުގެ ތަޖުރިބާއިން މަންފާ
ޙާޞިލުކުރެވިދާނެ ކަންކަމުގެ މައްޗަށް ޕީއެސްއެމްގެ އެމްޑީ އިބްރާހީމް ޚަލީލު
ވަރަށް ފުޅާކޮށް އަލިއަޅުވައިލެއްވިއެވެ.
އިއްޔެ ފެށުނު ސިލްސިލާ ބައްދަލުވުންތަކާބެހޭ ގޮތުން، ޕަބްލިކް ރިލޭޝަން
ކޮމިޓީގެ މުޤައްރިރު އަޙްމަދު މުޖުތަބާ ވިދާޅުވީ، އެހެން މީޑިއާތަކާއެކު ވެސް މި
ބައްދަލުވުންތައް ކުރިއަށްއޮތް ތާނގައި މީޑިއާ ކައުންސިލުން ކުރިއަށް ގެންދާނެ
ކަމަށެވެ. މި ބައްދަލުވުންތަކުގައި، މީޑިއާތަކުގެ ޙާލަތު ބައްލަވާނެ ކަމަށާއި،
މީޑިއާ ކައުންސިލާއި މީޑިއާތަކާ ގުޅިގެން މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި
ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ކޮންމެ މީޑިއާއަކުން
ދެއްވާ މަޢުލޫމާތު ހިމަނައިގެން ރިޕޯޓެއްވެސް ތައްޔާރުކުރައްވާނެ ކަމަށެވެ.
24 މޭ 2017