ޚަބަރު

މާހެފުން ބާއްވައި، ނޫސްވެރިންނަށް ހަދިޔާ ދީފި

25 މެއި 2017 | ޚަބަރު

ބަރަކާތްތެރި ރަމަޟާންމަސް ފެށުމުގެ ކުރިން ބޭއްވުމަށް މީޑިއާ ކައުންސިލުން އިންތިޒާމުކުރި މާހެފުން، މިއަދު (2017 މޭ 25 ވީ ބުރާސްފަތި ދުވަހު) ހަވީރު ކައުންސިލުގެ އިދާރާގައި ބާއްވައިފިއެވެ. އެކިއެކި މީޑިއާތަކުން ނޫސްވެރިން ބައިވެރިވެވަޑައިގެންނެވި، މި މާހެފުން ނިމިގެންދިޔައީ، އެސްޓީއޯއިން މި މުނާސަބަތަށް ދީފައިވާ ހަދިޔާތަކަކުންނެވެ. ހަދިޔާތައް ބަހަން ފެށުމުގެ ކުރިން މީޑިއާ ކައުންސިލުގެ ރައީސް ޢަބްދުލްމުޢީދު ޙަސަން ނޫސްވެރިންނާ މުޚާޠަބުކުރައްވައި ކުރު ވާހަކަކޮޅެއް ދެއްކެވިއެވެ.

 

އޭނާގެ ވާހަކަކޮޅު ފެށްޓެވީ، މީޑިއާތަކާއި ނޫސްވެރިންނަށް ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދަންނަވަމުންނެވެ. އޭނާގެ ވާހަކަކޮޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، މީޑިއާގައި ވަރަށް ފައިދާހުރި ކޮންޓެންޓްތައް ޝާއިޢުކުރެވޭ ކަމަށެވެ. އަދި ފެންވަރު ރަނގަޅު ކޮންޓެންޓްތައް ފާހަގަކޮށް، އޭގެ އަގުވަޒަންކޮށް، ނޫސްވެރިންނަށް ހިތްވަރުދިނުމުގެ ލިއުން ދިނުމާބެހޭ މަޝްވަރާތަކާއި، އިންތިޒާމުތައް، މިހާރު މީޑިއާ ކައުންސިލުން ކުރިއަށް އެބަގެންދާ ކަމަށެވެ. އޭނާގެ ވާހަކަކޮޅު ނިންމަވައިލެއްވީ، މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އެރުވި ދަޢުވަތު ޤަބޫލުކުރައްވައި، މާހެފުމަށް ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރު ދަންނަވަމުންނެވެ.

 

އެސްޓީއޯއިން ދެއްވި އިނާމުތައް ދެވުނީ، އެކަމަށްޓަކައި ލެވުނު ޤުރުޢަތަކުން ހޮވުނު ނޫސްވެރިންނަށެވެ.

 

މިއަދު މީޑިއާ ކައުންސިލުން ބޭއްވި މާހެފުން ރާވައި އިންތިޒާމުކުރީ، މީޑިއާ ކައުންސިލުގެ މެންބަރުންނާއި އިދާރީ މުވައްޒަފުންނެވެ.

 

 

25 މޭ 2017