އިދިކޮޅު އެމްޑީޕީ/ޖޭޕީން މިހާރު މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ކަވަރު ކުރަން އުޅޭ ނޫސްވެރިންނަށް ލިބޭ އަނިޔާތަކާއި އެ މީހުންނަށް ދިމާވާ ހުރަސްތައް ބަލައި ދިރާސާ ކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުން ވަގުތީ ކޮމިޓީއެއް މިއަދު އުފައްދައިފި އެވެ.
މި ކޮމެޓީގެ މުގައްރިރު، ސަން އޮންލައިންގެ ހުސެއިން ހަސަން ވިދާޅުވީ، މިއަދު ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި، އެ ކޮމިޓީ އެކުލަވާލުމަށް ނިންމީ، މުޒާހަރާގައި ނޫސްވެރިންނަށް ތަފާތު ހުރަސްތަކާއި ގެއްލުންތައް ލިބެމުން ދާތީ ކަމަށެވެ. އަދި އެ ނޫސްވެރިން ކައުންސިލަށް ހާޒިރުކޮށް، އެ މީހުންނަށް ލިބިފައިވާ އަނިޔާތަކާއި ބައެއް މީޑިއާތަކުގެ ސާމާނުތަކަށް ލިބުނު ގެއްލުންތަކާއި ކުރިމަތިވި ހުރަސްތައް ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވި ގޮތުގައި، މުޒާހަރާ ކަވަރު ކުރަން އުޅުނު ރާއްޖެ ޓީވީ އާއި ވީޓީވީ އާއި ވަގުތުގެ ބައެއް ނޫސްވެރިންނާއި ހަވީރުގެ ފޮޓޯގްރާފަރަކަށް ވަނީ އަނިޔާވެފަ އެވެ. އަދި އެ މީހުން މިއަދު ކައުންސިލަށް ހާޒިރުކޮށްގެން އެކަން ބަލާނެ އޭނާ ވިދާޅުވި އެވެ. އަދި ބައެއް މީޑިއާތަކަށް ކޮމިޓީން ގޮސް، ކަންކަން ސާފުކުރާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.
"މިކަން ތަހުގީގު ކުރުމަށް ފަހު، އަޅުގަނޑުމެން މި މައްސަލަ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންނާނަން. އެގޮތުން ވެސް މައްސަލައަށް ހައްލެއް ނައިސްފިނަމަ، މި ކަންތައްތަކުގެ ތަފްސީލު މީޑިއާއަށް ދޭނަން،" ހުސެއިން ވިދާޅުވި އެވެ.
އެމްޑީޕީ/ޖޭޕީގެ ސިލްސިލާ މުޒާހަރާތަކުގައި ނޫސްވެރިންނަށް ކުރިމަތިވާ ދަތިތައް ބެލުމަށް ނެގި ކޮމިޓީގައި ތިއްބަވަނީ ހުސެއިންގެ އިތުރުން، ހަތަރު މެމްބަރެކެވެ. އެއީ އަހުމަދު ހަމްދޫނާއި މިއުސަމް އައްބާސް އާއި މުހައްމަދު ރަފީގު އަދި ހަފްސީ އަބްދުﷲ އެވެ. މި ކޮމެޓީގެ ނައިބު މުގައްރަރަކީ ހަމްދޫނެވެ.