2017 އޮގަސްޓް
8 ވީ އަންގާރަ ދުވަހު، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް މީޑިއާ
ކައުންސިލުގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެއެވެ. މި ބައްދަލުވުމުގައި
މަޝްވަރާކުރެވުނީ، އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގެ މަސައްކަތްކުރާ
ނޫސްވެރިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދެވޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.
މި ބައްދަލުވުމުގައި
ނޫސްވެރިންނަށް ދަތިވާ ކަންތައްތައް މީޑިއާ ކައުންސިލުގެ މެންބަރުން
ހުށަހެޅުއްވިއެވެ. އަދި ފުލުހުންނަށް ދަތިވާ ކަންތައްތައް ޕޮލިސް ސަރވިސްއިން
ބަޔާންކުރެއްވިއެވެ. މިކަންކަމަށް ޙައްލެއް ހޯދުމަށްޓަކައި، ނޫސްވެރިންނަށް
މަޢުލޫމާތުދިނުމުގެ ސެޝަންތަކެއް ރޭވުމަށް ވެސް މަޝްވަރާކުރެވުނެވެ.
ބައްދަލުވުން ނިމިގެންދިޔައީ،
އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގެ މަސައްކަތްކުރާ ނޫސްވެރިންނަށް
ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދެވިދާނެ ގޮތްތަކެއް ކަނޑައެޅިގެންނެވެ.
08 އޯގަސްޓު 2017