ދެންނެވުން

ލޯކަލް އިންތިޚާބާ ގުޅޭ

05 މެއި 2017 | ދެންނެވުން

6 މޭ 2017 ގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ޤާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާ ދާއިރާއެއްގައި މިނިވަންކަމާއެކު މަޢުލޫމާތާއި ޚަބަރު ފެތުރުމުގެ މަގު ނޫސްވެރިންނަށް ފަހިކޮށްދެއްވުމަކީ، ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ ކިބައިން އެދި އެކަމަށް އިލްތިމާސްކުރަމެވެ. މި ކައުންސިލުން އެދޭ މިފަދަ ކަންކަމަށް މުއައްސަސާތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް މި ފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

 

މި ކައުންސިލުން ދެންނެވި ދެންނެވުމަކަށް އިޖާބަދެއްވައި، އިލެކްޝަން ކޮމިޝަނުން ވަނީ، ނޫސްވެރިންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގަވައިދެއްވާފައެވެ. އެ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ނޫސްވެރިންނަށް ކަމާބެހޭ މަޢުލޫމާތު ދެއްވުމެވެ. އެ ކަމަށްޓަކައި، އެ ކޮމިޝަނުން ދެއްވި މަޢުލޫމާތުތަކުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ނިޒާމާއި، އިންތިޚާބުގައި މަނާ ކަންތައްތަކާއި، ވޯޓުލާ މީހުންގެ ޙައްޤުތަކާއި، ވޯޓުލުމުގެ ޕްރޮސެސްއާއި، ވޯޓު ގުނުން އިންތިޒާމުކުރެވިފައިވާ ގޮތާއި، "އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން" ޢަމަލުކުރައްވަންވީ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ.

 

ވީމާ، ތަމްރީނު ޕްރޮގްރާމުގައި ލިބިވަޑައިގެންނެވި މަޢުލޫމާތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ނޫސްވެރިންނަށް ދަންނަވަމެވެ. އަދި 2017 މޭ 6 ވާ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އެންމެހައި ނޫސްވެރިން އެއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސްކުރަމެވެ.

9 ޝަޢުބާން 1438

5 މޭ 2017