ޚަބަރު

މީޑިއާ ކައުންސިލުންދޭ އިނާމުދިނުމުގެ ގަވާއިދު އެކުލަވާލައިފި

04 އޭޕްރިލް 2017 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުދިނުމުގެ ގަވާއިދު، އެކުލަވާލުމަށްފަހު ގެޒެޓްކުރުމަށްޓަކައި އެޓަރނީ ޖެނެރަލްގެ ލަފާފުޅަކަށް އެދި، 26 މާރިޗު 2017 ގައި ވަނީ ފޮނުވިފައެވެ. މި ގަވާއިދު އެކުލަވާލަންޖެހުނީ، ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމާބެހޭ ކަންތައްތައް، ޤާނޫނީ ހަމަތަކުގެ މަތިން ކުރުމަށްޓަކައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުދިނުމުގެ ގަވާއިދުގެ މަޤުޞަދަކީ، ޤާނޫނުގައި ހިމެނިގެންވާ އުޞޫލުތަކާއި، ޤާނޫނުގެ ދަށުން އެކަށައަޅާ ޤަވާޢިދުތަކާއި، ހަމަތަކާއި، އަޚުލާޤީ މިންގަނޑުތަކާ އެއްގޮތަށް ޚިޔާލު ފާޅުކުރުމަށާއި، މަޢުލޫމާތު ފެތުރުމަށް ޤާނޫނުން ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމަށާއި، އެކަންކަމާގުޅޭ ގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް، މީޑިއާގެ މިނިވަންކަން ދެމެހެއްޓޭނެހެން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމެވެ.

 މި ގަވާއިދުގައި އިނާމުދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ ތެރޭގައި، އިޖްތިމާޢީ ދާއިރާއާއި، ސިޔާސީ ދާއިރާއާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާއާއި، ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއާއި، ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއާއި، ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާއާއި، ފީޗަރ ލިއުމުގެ ދާއިރާ ހިމެނެއެވެ. އަދި މި ދާއިރާތަކަށް ދެވޭ އިނާމުގެ އިތުރުން، އެހެން ދެ އިނާމެއް ހިމެނެއެވެ. އެއީ، ލައިފްޓައިމް އެޗީވްމަންޓް އިނާމާއި، އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމެވެ.

މި ގަވާއިދަށް ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ލަފާފުޅު ލިބޭއިރު، އިޞްލާޙުކުރަންޖެހޭ ކަމެއް ނެތްކަމަށްވަނީނަމަ، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ފޮނުވޭނެއެވެ. މި ގަވާއިދަށް ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

04 އޭޕްރީލް 2017