ޚަބަރު

މީޑިއާ ކައުންސިލުގެ މެމްބަރުން އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

28 ފެބްރުއަރީ 2017 | ޚަބަރު


މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ އެކު މިއަދު ރަސްމީ ބައްދަލުވުމެއް ބާއްވައި ދިވެހި ނޫސްވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ސީނިއާ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

 

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ގުޅުންތައް ގާއިމްކުރުމުގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެން ދެ ގައުމު އޮތީ ގުޅިލާމެހިފައި ކަމަށާއި ދެ ގައުމުގެ މެދުގައި އޮތީ އެއްބައިވަންތަ، އެކުވެރި، އަދި އާއިލީ ގުޅުމެއް ކަމަށެވެ. އެގޮތުން ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ވީ އެންމެ ފުޅާ ދާއިރާއެއްގައި އަބަދުވެސް އެހީތެރިވެ ހިދުމަތްކުރުމުގައި ދެމި ހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ މެމްބަރުން ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހި ނޫސްވެރިންނަށް ތައުލީމާއި ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ބޭނުންވާކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން އިންޑިއާ އިން ތައުލީމީ ފުރުސަތުތަކުގެ އިތުރުން އިންޑިއާގެ ތަޖުރިބާކާރުން ގެނެސް ރާއްޖޭގައި ތަމްރީން ޕްރޮގްރާމްތައް ހިންގައި އަދި އިންޑިއާގެ މީޑިއާތަކުގައި ދިވެހި ނޫސްވެރިންނަށް ތަޖުރިބާ ހޯދިދާނެ ގޮތްތަކާ މެދު ސަފީރާ އެކު މަޝްވަރާކުރެއްވި އެވެ. ސަފީރު ވަނީ ނޫސްވެރިންނަށް ތައުލީމާއި ތަމްރީން އަދި ތަޖުރިބާ ހޯދައިދޭން މީޑިއާ ކައުންސިލުން ގެންއުޅޭ ވިސްނުމަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި އެކަމަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވައިފަ އެވެ.

 

މިކަންކަމަށް އަމަލީ ސިފަ ގެނައުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އިންޑިއާ އެމްބަސީ އާއި މީޑިއާ ކައުންސިލާ އެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވަނީ އެއްބަސްވެފަ އެވެ.

 

28 ފެބްރުވަރީ 2016