ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލް ހިންގުމަށްހުރި ގޮންޖެހުންތަކާ ގުޅޭގޮތުންނާއި އަދި މީޑިއާތައް އިތުރަށް ހަރުދަނާކޮށް ހިންގުމުގައި ކުރިއަށްގެންދެވިދާނެ ގޮތްތަކާގުޅޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން މިނިސްޓްރީ އޮފް ހޯމް އެފެއާޒާއެކު މަޝްވަރާ ކުރައްވައިފި.

09 މެއި 2019 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން ހޯމް މިނިސްޓްރީގެ އިސްބޭފުޅުންނާއެކު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހޯމް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނީ މީޑިއާތައް ތަރައްޤީ ކުރުމަށް ހަރުދަނާ އުސޫލެއް ގާއިމުކުރުމަށާއި، މީޑިއާ ތަކުގެ ދަފްތަރު އެކުލަވާލުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށާއި، ޤާނޫނީ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންތައްތައް ނައްތާލުމަށް ކުރެވިދާނެ ކަންކަން ޓެކްނިކަލް ލެވެލްގައި މަސައްކަތް ކުރުމަށާއި، މީޑީއާތައް ރެގިއުލޭޓު ކުރުމަށް ހަރުދަނާ އުސޫލެއް އެކުލަވާލުމާ ބެހޭގޮތުންނެވެ.

މީގެ އިތުރުން، މޯލްޑިވްސް މީޑިއާ ކައުންސިލުން ރަށްރަށުގައި ކުރިއަށް ގެންދަން ރާވާފައިވާ އެޑްވޮކަސީ ޕްރޮގްރާމް ތައްހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު އިތުރަށް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމަށް ބޭރުގެ ފަންނީ ބޭފުޅުންނާ، ރާއްޖޭގެ ފަންނީ ބޭފުޅުންގެ ލަފާ ހޯދުމަށް މިބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރެވިފައެވެ.

މި ބައްދަލުވުން ނިންމާލީ ޓެކްނިކަލް ލެވެލްގެ އިތުރު މަޝްވަރާތަކާއެކު ކުރިއަށްއޮތް ދުވަސްތަކުގައިބައްދަލުވުންތައް ކުރިއަށް ގެންދިއުމަށެވެ.