ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހަވަނަ ދައުރުގެ މެންބަރުން ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވައިފި

31 ޖެނުއަރީ 2021 | ޚަބަރު


މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން ހެލްތު މިނިސްޓަރ އަލްފާޟިލް އަޙްމަދު ނަސީމު އާއި ބައްދަލުކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވުނީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ބާއްވާ އެކިއެކި އިވެންޓުތަކާއި ނޫސް ބައްދަލުވުންތަކަށް ނޫސްވެރިންނަށް ދަޢުވަތު ދިނުމާއި އެ އިވެންޓްތަކާއި ގުޅިގެން ނޫސްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި، އެކިއެކި މީޑިއާތަކާއިމެދު ތަފާތުކުރުން ގެންގުޅޭކަމުގެ ޝަކުވާތައް މީޑިއާ ކައުންސިލަށް ލިބިފައިވުމާއި، ހެލްތު މިނިސްޓްރީގެ ވައިބަރ ގްރޫޕްގައި ނޫސްވެރިން ކުރައްވާ އެކިއެކި ސުވާލުތަކަށް ޖަވާބު ނުލިބޭތީއާއި، ކޮވިޑް-19 ވެކްސިންއާއި ދެކޮޅަށް އާއްމުންގެ ހިތުގައި ސުވާލު އުފެދޭ އެތައްލިޔުމެއް ލިޔާ ބްލޮގްތަކާއި އަދި ކޮވިޑް-19 ވެކްސިންއާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް މީޑިއާ ކައުންސިލާއި، މީޑިއާތަކާއި، މިނސްޓްރީއާއި ގުޅިގެން ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންގެ ތެރެއިން ބައިވެރިވީ، ކައުންސިލުގެ ރައީސް އަލްފާޟިލް ޞަހުބާން ފަހުމީ، ނައިބު ރައީސް އަލްފާޟިލް ޙުސައިން ޘަޤީފް، އަލްފާޟިލް ޢަލީ ޙުސައިން، އަދި އަލްފާޟިލް އަޙްމަދު މޫސާއެވެ. މެންބަރުންގެ އިތުރުން، ސެކްރެޓޭރިއެޓްގެ ފަރާތުން ބައިވެރިވީ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ ފާޠިމަތު މުނާ އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު ހަފްނާއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރެއިން މީޑިއާތަކަށް ހަމަހަމަ ފުރުޞަތު ހޯދައި ދިނުމާއި، މީޑިއާތަކުން ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބު ދިނުމަށް މީޑިއާ ބައްދަލުވުންތައް ކޮންމެ ހަފްތާއަކު ބޭއްވުމާއި، ކޮވިޑް-19 ވެކްސިންއާއި ގުޅޭ ފުރިހަމަ މައުލޫމާތު ހިއްސާކުރުމާއި، އަދި މީގެއިތުރުން ހެލްތު މިނިސްޓުރީ ތެރޭގައި މީޑިއާ ޑިޕާޓުމަންޓެއް އުފައްދައި ނޫސްވެރިންނަށް ހެލްތު މިނިސްޓްރީ ތެރެއިން ދިމާވާ އެކިއެކި ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ހެލްތު މިނިސްޓަރ  އަލްފާޟިލް އަޙްމަދު ނަސީމު ދެއްވާފައިވެއެވެ.

މީގެއިތުރުން، ރާއްޖޭގެ މީޑިއާތައް މިހާރަށްވުރެ ޒިންމާދާރުގޮތެއްގައި މޮނިޓަރކޮށް، ނޫސްތަކުގައި ލިޔާ ލިޔުންތައް މީޑިއާ ކޯޑްސް އޮފް އެތިކްސްގެ ހަމަތަކާ އެއްގޮތަށް ލިޔުމަށް މީޑިއާތަކަށް ބާރު އެޅުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

18 ޖުމާދަލްއާޚިރާ 1442

                         31 ޖަނަވަރީ 2021