ޚަބަރު

ހެއްކާބެހޭ ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ހޯދި ހޯދުންތަކާއި ދިރާސާގެ އަލީގައި، އެކުލަވާލައިފައިވާ ކަރުދާސް "ނޫސްވެރިންގެ މަސްދަރު ހާމަކުރުމާއި ގުޅޭ ގޮތުން ހޯދިފައިވާ ހޯދުންތައް" ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި

30 ނޮވެްބަރު 2021 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ އެތިކްސް އެންޑް ލީގަލް ކޮމިޓީއިން ނޫސްވެރިންގެ މަސްދަރު ހާމަ ކުރުމާ ގުޅޭ ގޮތުން ކުރެވުނު އެސެސްމެންޓުން ހޯދުނު ހޯދުންތަކުގެ މައްޗަށް އެކުލަވާލައިފައިވާ ކަރުދާސް، "ނޫސްވެރިންގެ މަސްދަރު ހާމަކުރުމާއި ގުޅޭ ގޮތުން ހޯދިފައިވާ ހޯދުންތައް" ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މި އެސެސްމެންޓަކީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލު 19/2021)/ބ-32( ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެފަދަ މާއްދާއެއް ހިމަނާފައިވާތީ، މި ކައުންސިލުން އިސްނަގައިގެން ކުރެވުނު ކުޑަ ދިރާސާއެކެވެ.

އެގޮތުން، އެ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ 2 ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވުމަކީ، ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިޔާގެ މަސްދަރު ހިމާޔަތްކުރުމުގެ ޙައްޤު ނިގުޅައިގެނެވޭ ކަމެއްގެ ގޮތުގައްޔާއި، ބައިނަލްއަޤުވާމީ މުއާޙަދާތަކާވެސް ފުށުއަރާ ކަމެއްގެ ގޮތުގައި މި ކައުންސިލުގެ އެސެސްމަންޓްއިން ހާމަވެފައިވެއެވެ.

މީގެ އިތުރުން ކަމާގުޅުންހުރި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ކުރީގެ ދުސްތޫރީ ނިންމުމަކުންވެސް، ހޯދިފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް ޤާނޫނެއްގައި ހިމަނާ މައްދާތަކަކީ، ޤާނޫނު އަސާސީގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ރޫޙާ ޚިލާފު މާއްދާތަކެއްކަމާއި، އެފަދަ މާއްދާއެއް މާނަކުރަންވާނީ އެ ޙައްޤަށް އުނިކަން ނުލިބޭނެ ގޮތެއްގެމަތީންކަމެވެ.

އެހެންކަމުން، އެ ބިލު ފާސްވެގެން އަންނައިރު އެ މާއްދާ ބިލުން އުނިކުރުމަށް ހުށަހަޅައި، މި ކައުންސިލުގެ 8 ރެކޮމެންޑޭޝަންއެއް މިހާރުވާނީ، ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެވެ.

"ނޫސްވެރިންގެ މަސްދަރު ހާމަކުރުމާއި ގުޅޭ ގޮތުން ހޯދިފައިވާ ހޯދުންތައް" މި ކައުންސިލުގެ ވެބްސައިޓް www.mmc.org.mv ގައި މިހާރުވާނީ ޝާއިޢުކޮށްފައެވެ.