ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ ބައްދަލުކުރައްވައިފި

05 މާރޗް 2018 | ޚަބަރު

ޝަރުޢީ ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި ޝާއިޢުކުރަމުންދާ ޚަބަރުތަކާ ގުޅިގެން ޒިންމާވާން ޖެހޭ ފަރާތްތަކާމެދު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފިޔަވަޅު އަޅުއްވަން ފައްޓަވައިފިކަމަށް ބަޔާން ކުރައްވައި، 2018 ޖަނަވަރީ 29 ވަނަ ދުވަހު އެ ޑިޕާޓްމަންޓުން، އާންމު ކުރެއްވި ނޫސް ބަޔާނާ ގުޅޭގޮތުން ސާފުކުރައްވަން ބޭނުންވި ބައެއް ކަންކަން ސާފުކުރެއްވުމަށްޓަކައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން 4 މާރިޗު 2018 ގައި، އެ ސަރވިސްގެ ކަމާބެހޭ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ބޭއްވުނު މިބައްދަލުވުމުގައި ދެ ފަރާތުގެ ކަންބޮޑުވުންތައް ހިއްސާކުރައްވައި އެކަންކަން ހައްލުކުރުމުގައި ދެފަރާތުން އެއްބާރުލުން ދިނުމުގެ މައްޗަށް ވާހަކަދެކެވުނެވެ.

    މީޑިއާތަކުން ވެސް ޒިންމާދާރުކަމާއެކު ޚަބަރާއި މައުލޫމާތު ފެތުރުއްވުމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދެއްވުމަކީ، މީޑިއާ ކައުންސިލުންވެސް ބާރުއަޅުއްވާ ކަމެއްކަމަށާއި މީޑިއާތަކުން ވެސް އެ އިމުގެ ތެރޭގައި މަސައްކަތްކުރެއްވުމަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވާކަން ފާހަގަ ކުރެއްވޭ ކަމަށް މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުން ހާމަކުރެއްވިއެވެ.

   ހަމަޖެހިފައިވާ ގަވާއިދުތަކުގެތެރެއިން ގައިދީންނާ ބެހޭ ގޮތުން ހޯއްދަވަން އެދިވަޑައިގަންނަވާ  މަޢުލޫމާތު ހާމަކުރެއްވުމުގައި އެ ސަރވިސްއިން އެއްވެސް ފަސްޖެހިވަޑައިގަތުމެއް ނުގެންގުޅުއްވާނެ ކަމަށާއި ގަވާއިދުތައް ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ގައިދީންނާ ބެހޭ ގޮތުން މީޑިއާގައި ޝާއިއުކުރެވޭ މައުލޫމާތަކީ، ޤާނޫނާއި ގަވާއިދާއެއްގޮތަށް ހޯއްދަވާ މައުލޫމާތުކަމަށް ހެއްދެވުމަށް އެ ސަރވިސްއިން އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.