ޚަބަރު

ތާޖުއްދީން ސްކޫލާއި މީޑިއާ ކައުންސިލް ގުޅިގެން މާދަރީ ބަހުގެ ދުވަސް ފާހަގަ ކޮށްފި

25 ފެބްރުއަރީ 2018 | ޚަބަރު

ފުރަމާލޭގެ ހައިބަވެތި އެއް ސްކޫލްކަމުގައިވާ ތާޖުއްދީން ސްކޫލާއި، މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން މިއަދު (2018 ފެބްރުވަރީ 25 ވީ އާދީއްތަ ދުވަހު) ހެނދުނު އެ ސްކޫލްގައި މާދަރީބަހުގެ ދުވަސް ފާހަގަކޮށްފިއެވެ. އެކަމަށްޓަކައި ބޭއްވުނު ޖަލްސާ ފެށުމުގެ ކުރިން ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ބަޝީރާ މުޙައްމަދު ވަނީ، މީޑިއާ ކައުންސިލްގެ ރައީސާއެކު މަޝްވަރާތަކެއް ކުރައްވާފައެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ތާޖުއްދީން ސްކޫލްގެ ދަރިވަރުން އަދަބީ ރޮނގުރޮނގުން ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ.

 

ތާޖުއްދީން ސްކޫލްގެ ހޯލްގައި ބޭއްވުނު މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި، މީޑިއާ ކައުންސިލްގެ ރައީސް ވަނީ، އެ ސްކޫލްގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް، ދުވަހާގުޅޭ މަޢުލޫމާތު ދެއްވުމަށްޓަކައި، ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ. މާދަރީބަހުގެ ދުވަސް އުފެދިގެން އައިގޮތާއި، ދިވެހީންގެ މާދަރީބަހާބެހޭ ގޮތުން އެ ޕްރެޒެންޓޭޝަނުގައި ވަނީ އަލިއަޅުވައިލައްވާފައެވެ.

 

މި ޖަލްސާގައި، ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ބަޝީރާ މުޙައްމަދާއި، ލީޑިންގ ޓީޗަރ އަލްފާޟިލް އިބްރާހީމް ޝާކިރު، ދަރިވަރުންނާ މުޚާޠަބުކުރައްވައި ދުވަހާ ގުޅޭ އަރުތަވެރި ތަރުބަވީ ވާހަކަފުޅުތަކެއް ދެއްކެވިއެވެ.

 

ތާޖުއްދީން ސްކޫލަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ މައިދާނުގައި ކާމިޔާބީތަކެއް ޙާޞިލުކުރުމުގެ އުޖާލާ މުސްތަޤުބަލެއް އޮތް ސްކޫލެއްކަން މި ބައްދަލުވުމުގައި ހާމަވެގެންދިޔައެވެ. 34 ވަނަ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުގެ 13 އަހަރުންދަށުގެ ޢުމުރުފުރައިން 1 ވަނަ ޙާޞިލުކޮށްފައިވަނީ އެ ސްކޫލެވެ. އަދި އެ ޢުމުރުފުރައިން ފަޚުރުވެރި 1 ވަނަ ޙާޞިލުކޮށްފައިވަނީ ވެސް އެ ސްކޫލްގެ ދަރިވަރެކެވެ. އެ މުބާރާތުން ސްކޫލަށް ލިބުނު ތަށި، މުބާރާތުގައި ބައިވެރިވި ދަރިވަރުން، މި ޖަލްސާގައި ސްކޫލްގެ ޕްރިންސިޕަލްގެ އަތްޕުޅަށް އެރުވިއެވެ. އަދި މުބާރާތުން 1 ވަނަ ޙާޞިލުކުރި ދަރިވަރު، ނައުރާ މުޙައްމަދު ފުވާދަށް ވާދައިގެން ތަށްޓާއި ހަނދާނީ  ލިޔުން، ޕްރިންސިޕަލް ޙަވާލުކޮށްދެއްވިއެވެ.