ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުން އިންޑިއާ ސަފީރާ ބައްދަލުކުރެއްވުން

22 އޮގަސްޓް 2017 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ އެކު 2017 އޮގަސްޓް 21 ވީ ހޯމަ ދުވަހު ރަސްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.

 

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި މީޑިއާ ކައުންސިލުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ ނޫސްވެރިކަމުގެ އިނާމަށް އެހީތެރިކަން ދެއްވޭތޯ މަސައްކަތްކުރައްވާނެކަމަށާއި، އޭގެ އިތުރު އެހެން އެހީތައްވެސް ނޫސްވެރިންނަށާއި، މީޑިއާ ކައުންސިލަށް ދެއްވުމުގެ ވިސްނުންފުޅު އެބައޮތްކަމަށް ވިދާޅުވިއެވެ.

 

މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހި ނޫސްވެރިންނަށް ތައުލީމާއި ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ބޭނުންވާކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން އިންޑިއާ އިން ތައުލީމީ ފުރުސަތުތަކުގެ އިތުރުން އިންޑިއާގެ ތަޖުރިބާކާރުން ގެނެސް ރާއްޖޭގައި ތަމްރީން ޕްރޮގްރާމްތައް ހިންގައި އަދި އިންޑިއާގެ މީޑިއާތަކުގައި ދިވެހި ނޫސްވެރިންނަށް ތަޖުރިބާ ހޯދިދާނެ ގޮތްތަކާ މެދު ސަފީރާ އެކު މަޝްވަރާކުރެއްވި އެވެ.

 

ސަފީރު ވަނީ ނޫސްވެރިންނަށް ތައުލީމާއި ތަމްރީން އަދި ތަޖުރިބާ ހޯދައިދޭން މީޑިއާ ކައުންސިލުން ގެންއުޅޭ ވިސްނުމަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި އެކަމަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ވެދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

މިކަންކަމަށް އަމަލީ ސިފަ ގެނައުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އިންޑިއާ އެމްބަސީ އާއި މީޑިއާ ކައުންސިލާ އެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވަނީ މަޝްވަރާކުރެވިފައެވެ.

 

22 އޮގަސްޓް 2016