ޚަބަރު

ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް ތަޖުރިބާކާރު ނޫސްވެރިންނާއިއެކު ރޭ ކިޔަވައިދޭން ފަށައިފި

22 އޮގަސްޓް 2022 | ޚަބަރު

މި ކޯހަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޝަހީބު މީޑިއާއިން ހިލޭ ހިންގައިދޭ ކޯހެކެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ފެށުމުގެ ހަފުލާގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވާހަކަ ދެއްކެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން ފާހަގަކުރެއްވި ގޮތުގައި، އުގެނުމަށް ލިބިފައިވާ މިފަހި ފުރުސަތުގެ ބޭނުން ހުރިހާ ބައިވެރިން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އެދިލެއްވިއެވެ. އަދި ހަމަ މިއާއިއެކު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވި ގޮތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ ޤާބިލް ނޫސްވެރިން ބިނާކުރުމާއި އެކި ފަރާތްތަކާ ގުޅިގެން، ބޭނުންތެރި ޓްރެއިނިންގތައް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޯގަސްޓް 21އިން ސެޕްޓެމްބަރު 6އަށް (ރޭގަނޑު 8 އިން 10.30 އަށް) އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްދާ މި ކޯހަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ކޯހެކެވެ. މި ކޯހުގައި މީޑިއާގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މުޅިން އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ޖުމްލަ 30 މީހުން ބައިވެރިވެއެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު، އެންމެ ފުންނާބު އުސް، ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބޭފުޅުންނެވެ. އޭގެ ތެރޭގައި މުޅިން ވެސް ތިއްބަވާނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ނޫސްވެރިކަމުގެ ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން:

1.    މުހައްމަދު ޝަހީބު، އަދިވެސް އޮންލައިންގެ ސީ.އީ.އޯ/ އެޑިޓަރު

2.    މޫސާ ލަތީފު، ދައުރު އޮންލައިންގެ އެޑިޓަރު

3.    އިސްމާއިލް ނަސީރު، މިހާރު އޮންލައިންގެ އެޑިޓަރު

4.    ހުސެއިން ފިޔާޒު މޫސާ، އަދަދު އޮންލައިންގެ އެޑިޓަރު

5.    އާދަމް ހަލީމު، "މި"ގެ ސީ.އީ.އޯ/ އެޑިޓަރު

6.    ސިނާން އަލީ، ވަން އޮންލައިންގެ ސީ.އީ.އޯ/ އެޑިޓަރު

7.    އަހުމަދު ޒާހިރު (ހިރިގާ)، ދައުރު އޮންލައިންގެ މެނޭޖިން އެޑިޓަރު

8.    އިމާދު ލަތީފު، ނިއުސް އެނަލިސްޓް

9.    މުހައްމަދު އާސިފު، މޮންދު ޕްރޮޑަކްޝަންސްގެ ސީ.އީ.އޯ

10.                       މުހައްމަދު އާމިރު (ފަރެސް)، ދިވެހިބަހުގެ ތަޖުރިބާކާރެއް

 

ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ރާއްޖޭގެ ނޫސްވެރިކަމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ މުހައްމަދު ޝަހީބު ހިންގަވާ "މީޑިއާ ހައުސް" އެކެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ނޫސްވެރިން ތަމްރީނުކުރައްވައިފައި ވަނީ ޝަހީބެވެ.

ޝަހީބު މީޑިއާއިން އިންތިޒާމްކުރި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފައެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައެވެ.

 

         24 مُحَرَّم 1444   

         22 އޮގަސްޓް 2022