ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ނޫސްވެރިންނަށް އަމާޒުކޮށްގެން ކޯޓު ރިޕޯޓިން ވޯކްޝޮޕެއް ބާއްވައިފި

21 މެއި 2022 | ޚަބަރު


މޯލްޑިވްސް މީޑިއާ ކައުންސިލާއި ދަޢުލަތުގެ ބައެއް މިނިވަން މުއްސަސާތައް ގުޅިގެން ރާއްޖޭގެ މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، "ކޯޓް ރިޕޯޓިންގ ވޯކްޝޮޕް" އެއް ބާއްވައިފިއެވެ. މި ވޯކްޝޮޕަކީ ނޫސްވެރިންނަށް އިންތިޒާމް ކޮށްގެން ކޯޓުތަކުގެ މައްސަލަތަކާއި ގާނޫނީ މައްސަލަތަކުގެ ވަށައިގެންވާ މައްސަލަތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް އިތުބާރާއެކު ލިޔެ، ރިޕޯޓު ކުރުމަށް ބާރު އެޅުމުގެ ގޮތުން ބޭއްވުނު ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ސެޝަންތައް ނަންގަވައިދެއްވީ ޖުޑީޝަލް ސާރވިސް ކޮމިޝަން، ބާ ކައުންސިލް އޮފް ދަ މޯލްޑިވްސް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް  އަދި މޯލްޑިވްސް ޕޮލިސް ސާރވިސް އެވެ.

މި ވޯކްޝޮޕްގައި އަލި އަޅުވާލެވުނު ބައެއްބައިތަކުގެ ތެރޭގައި އަދުލު އިންސާފުގެ ނިޒާމުގެ މައިގަނޑު ގާނޫނުތަކަކީ ކޮބައިކަމާއި ގާނޫނުތަކާއި ކޯޓުތަކުގެ ބާވަތްތަކާއި ކޯޓް ރިޕޯޓު ކުރުމުގެ އަސާސީ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ކޯޓުގައި ހިނގާ މައްސަލަތައް ކުރިއަށްދާގޮތާއި މަރުހަލާ ތަކާއި އަޑުއެހުންތަކަށް ހާޟިރުވެ ސަމާލުކަންދޭންވީ ކަންތައްތައް ވޯކްޝޮޕްގެ ބައިވެރިންނާ ހިއްސާކުރެވުނުވެ. އަދި ޖިނާޢީ އިޖުރާޢަތުގެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިތިބޭ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމުގައި ރިޢާޔަތް ކުރުމަށް ޖިނާޢީ އިޖުރާޢަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި ބެހޭގޮތުން ވޯކްޝޮޕްގެ ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. ހަމައެހެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައްސަލަ ބަލާ ގޮތުގެ ކުރު ހުލާސާ އަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކޯޓުތަކާއި ގުޅޭ ހިސާބަކީ ކޮބައިކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލާ މައްސަލަތައް ނޫސްވެރިން ރިޕޯޓް ކުރުމުގައި ގެންގުޅެން ޖެހޭނެ މައިގަނޑު އަސާސްތައް ވޯކްޝޮޕްގެ ބައިވެރިންނާއި ވަނީ ހިއްސާކުރެވިފައެވެ

ކޯޓް ރިޕޯޓިންގ ވޯކްޝޮޕްގައި ޖުމްލަ 28 ފަރާތަކުން ބައިވެރިވެލެއްވިއެވެ. މީގެތެރޭގައި މީޑިއާގައި މަސައްކަތްކުރައްވާ ބޭފުޅުންނާ، މިނިސްޓްރީތަކާއި، ކޯޓުތަކުންނާއި އަދި ފްރީލާންސް ކޮށް މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

18  رَجَب1443   

 19 މެއި   2022