ޚިޠާބު

ނޫސްވެރިކަމުގެ އިނާމު 2016 ގެ އިޙުތިފާލުގައި މީޑިއާ ކައުންސިލުގެ ރައީސް ކުރެއްވި ތަޤުރީރު

12 އޮކްޓޯބަރު 2017 | ޚިޠާބު

بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ

އެކަލާނގެ ރިވެތި އިސްމުފުޅުތަކާއެކު އަލްޚަބީރުގެ ސިފަފުޅު ލިބިވޮޑިގެންވާ ކީރިތިވަންތަ މާތް ﷲ އަށް ޙަމްދުކުރަން. އެކަލާނގެ ޙަޟުރަތުން އިންސާނިއްޔަތަށް އެންމެ ހެޔޮ ޚަބަރުތައް ގެނެސްދެއްވެވި އުމަމިއްޔަ ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

ألَّلهُمَّ صَلِّ وَسَلِّمْ عَلَيْهِ.

އައްސަލާމު ޢަލައިކުމް!

މިރޭ މި ޙަފުލާއަށް ވަޑައިގެންދެއްވި އަހުރަވެތި އެންމެހައި ޢިއްޒަތްތެރިންނަށް މީޑިއާ ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުންގެ ނަންފުޅުގައި ތަރުޙީބާއި ޝުކުރު ދަންނަވަން. ތިޔަބޭފުޅުންގެ އިޒުނަފުޅާއެކު ބައެއް ނަންފުޅުތައް ކުރުކޮށް ފާހަގަކޮށްލާނަން.

·        ނޫސްވެރިކަމުގެ އެކިއެކި ރޮނގުރޮނގުން މިރޭ އިނާމު ޙާޞިލުކުރައްވާނެ މުރާލި ނޫސްވެރިން.

·        މިރޭ މި ޙަފުލާގައި ނޫސްވެރިކަމުގެ ރޮނގުން ޙަޔާތީ އަރުތައިގެ މަތިވެރި ޝަރަފު އެރުވޭނެ ޝަޚުޞިއްޔަތު.

ތިޔަ އެންމެ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ހޫނު ތަރުޙީބާއި، އިޚުލާޞްތެރި ޝުކުރު ދަންނަވަން.

މިރޭ އަޅުގަނޑު އަދާކުރަންޖެހޭ އެންމެ މުހިންމު އަނެއް ވާޖިބަކީ، މި ޙަފުލާ އިންތިޒާމުކުރުމަށް މަދަދާއި ވާގިވެރިކަން ދެއްވި ދީލަތި ފަރާތްތަކަށް ޝުކުރު ދެންނެވުން. މި ޙަފުލާ މިހާ ފުރިހަމަ ގޮތެއްގައި އިންތިޒާމުކުރެވުނީ، އެފަރާތްތަކުގެ ދީލަތިކަމުން. އެހެންކަމުން އެ ހުރިހައި ފަރާތްތަކެއް ޝާމިލުކޮށް، އެ ފަރާތްތަކަށް ޙައްޤުވެގެންވާ ޝުކުރާއި ތަޢުރީފު ދަންނަވަން. ޚާއްޞަކޮށް ބޭންކް އޮފް މޯލްޑިވްސް އާއި، ދިރާގު އަދިހަމަ އެއާއެކު ޕީއެސްއެމްގެ ނަން ނުހަނު ކުލަގަދަކޮށް ފަވައި، ހިތުގެ އެންމެ ފުންމިނުން ނުހަނު އިޚުލާޞްތެރި ޝުކުރު ދަންނަވަން.

މާތް ﷲގެ ތަނަވަސް ރަޙުމަތްފުޅުގެ އުޖާލާ އުފުޤުން މިރޭ އަޅުގަނޑުގެ ނަޒަރަށް އުދަވާ އެންމެ ޒީނަތްތެރި އެއް މަންޒަރަކީ، ނަބީބޭކަލުން ދެއްކެވި ރިވެތި ނަމޫނާ. "ނަބިއްޔު" މި ނަންފުޅާއި، ޢަރަބި ބަހުން ޚަބަރަށް ކިޔާ "ނަބައު" އަކީ އެއް މަޞްދަރަކުން އުފެދޭ ދެ ލަފުޒު. އެއީ އެއް ގަހެއްގައި އަޅާ ދެ މޭވާ. ނަބީބޭކަލުން އިންސާނިއްޔަތަށް ގެނެސްދެއްވާފައިވަނީ އެންމެ ތެދު، އެންމެ ހެޔޮ ޚަބަރު. މިއަދު މި މުޖުތަމަޢުގައި ހެޔޮ ޚަބަރު ފެތުރުމުގެ ޒިންމާ އުފުއްލަވަން ތިއްބެވީ ނޫސްވެރިން. ޤާނޫނާއި ޤަވާޢިދު ތަންދޭ އެންމެ ފުޅާމިނެއްގައި ނޫސްވެރިން ދެމިތިއްބެވުމަށް އިލްތިމާސްކުރަން.

ކޮންމެ އަހަރަކު ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލުން ބާއްވާ މި ޙަފުލާއަކީ، ނޫސްވެރިންގެ ޤަދަރު މަތިވެރިކޮށް، އެބޭފުޅުންނަށް ކުރެވޭ ވަރަށް ބޮޑު ތަކުރީމެއް. އެބޭފުޅުންގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް ތަކުރީމުކުރަންޖެހޭ އެތައް ސަބަބުތަކެއް އެބަހުރި.

·        ޤައުމެއްގެ އާންމު ރައުޔު ބައްޓަންކުރަނީ، ނޫސްވެރިޔާގެ ޤަލަމުން ފަވާ ތަސްވީރު،

·        މުޖުތަމަޢުގެ އަގުތަކުގެ ފުރޮޅު އަނބުރައިދޭ މޮޅު ހަކަތައަކީ، ނޫސްވެރިޔާގެ ފަންވަރު،

·        ޤައުމުގެ ސަގާފީ ވިއުގަ ގަތައިދޭ ހީވާގި ހިނގަހައްޔަކީ، ނޫސްވެރިޔާގެ ފެންވަރު،

·        އިންސާނީ ކަރާމަތް ނަގަހައްޓައިދޭ ކުރެދި ކައްތިރިއަކީ، ނޫސްވެރިޔާގެ ހިތްވަރު،

·        ނޫސްވެރިޔާއަކީ، ކޮންމެ މަޒުލޫމަކަށްމެ، ކިއެއްތަ! ކޮންމެ ރައްޔިތަކަށްމެ އެންމެ ހެޔޮ މަދަދުގާރު،

·        ނޫސްވެރިޔާއަކީ، ޑިމޮކްރެސީގެ ހަތަރުވަނަ ބާރުގެ މޯޓަރު،

·        ނޫސްވެރިޔާއަކީ، މުޖުތަމަޢަށް ޙަޤީޤަތް ހާމަކޮށްދޭ އެންމެ އަލިގަދަ ދަންމަރު،

މި މޭރުމުން ދައްކަން ހުރި ވާހަކަތައް ލައްކަ ގިނަ. އެއަށް މިއަށްވުރެ ތަނަވަސް ސާޢަތެއް އެބަ މުހުތާދުވޭ. ޚުލާޞާކޮށް ދަންނަވާނީ، ޤާނޫނާއި ގަވާއިދު ތަންދޭ އެންމެ ފުޅާމިނެއްގައި މީޑިއާ ކައުންސިލުން ދިވެހި ނޫސްވެރިންނަށް މަގުފަހިކޮށްދޭން ހިންމަތާއެކު މަސައްކަތްކުރާނެ ވާހަކަ. ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ފަދައިން، ޒާލިމާއި މަޒުލޫމުގެ ޙާލަތުގައިވެސް ނޫސްވެރިންނަށް ނަޞްރުދޭނެ ވާހަކަ. އެކަމަށްޓަކައި މީޑިއާ ކައުންސިލުން ވަނީ ވޭތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި އުޞޫލުތަކެއް ފަރުމާކޮށްފަ. އޭގެ ލަގަން ވާނީ ނޫސްވެރިންގެ އަތުގަ. އޭގެ މުގޫ ވާނީ މީޑިއާގެ ގެތަކުގަ.

މި އުފާވެރި ރޭގައި، މި ފާގަތި މާލަމަށް ވަޑައިގެންދެއްވި އެންމެ ބޭފުޅުންނަށް، އަދިވެސް އެއްފަހަރު، ފަށްފަށުން ތަކުރާރުކޮށް މަތިމައްޗަށް، ތަރުޙީބާއި ޝުކުރު ހެޔޮހިތުން އަރިސްކުރަން.

ޝުކުރިއްޔާ!

ވައްސަލާމު ޢަލައިކުމް!