މިނިސްޓަރ އޮފް
ހޯމްއެފެއާޒް އޮނަރަބަލް އައްޝައިޚު ޢިމްރާން ޢަބްދުﷲ، މޯލްޑިވްސް މީޑިއާ
ކައުންސިލުގެ ރައީސާއި އިނާމު ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
2018 ނޮވެންބަރު 19 ވީ ހޯމަދުވަހު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި އޮތް މި
ބައްދަލުވުމުގައި މަޝްވަރާކުރެވުނީ، މީޑިއާ ކައުންސިލުން ދެމުންގެންދާ
ނޫސްވެރިކަމުގެ އިނާމާބެހޭ ގޮތުންނެވެ. ފާއިތުވެދިޔަ އަހަރާއި، މިއަހަރުގައި ވެސް،
މީޑިއާ ކައުންސިލުގެ ބަޖެޓްގައި ނޫސްވެރިކަމުގެ އިނާމުދިނުމަށްޓަކައި ޚަރަދުކުރާނެ
ފައިސާއެއް ނެތްކަން މީޑިއާ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މީޑިއާ ކައުންސިލުން
ބޭނުންވަނީ، ޖުމްހޫރީ 50 ގެ މުނާސަބަތާ ގުޅުވައިގެން، ދިވެހިރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރޭ މުނާސަބަތު
ކުލަގަދަ ގޮތެއްގައި ފާހަގަކޮށް، އެއާއެކު މިއަހަރު ނޫސްވެރިކަމުގެ އިނާމު،
ނޫސްވެރިންނަށް ދިނުމަށެވެ.
މި ކާމިޔާބު
ބައްދަލުވުމުގައި، މީޑިއާ ކައުންސިލުގެ މެންބަރުން ވަނީ، ނޫސްވެރިކަމަށް 75 އަހަރު
ފުރޭ މުނާސަބަތުގައި މީޑިއާ ކައުންސިލުން ނެރުމަށް ހަމަޖެހިފައިވާ ފޮތާބެހޭ ގޮތުން
ވެސް، ޢިއްޒަތްތެރި މިނިސްޓަރާއެކު
މަޝްވަރާކުރައްވާފައެވެ.
19 ނޮވެންބަރު 2018