ޚަބަރު

'ނޫސްވެރިކަމުގެ އިނާމު 2020' ޙަފްލާ ބާއްވައިފި

19 އޮކްޓޯބަރު 2021 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ 'ނޫސްވެރިކަމުގެ އިނާމު 2020' ގެ ޙަފްލާ 2021 އޮކްޓޯބަރު 11 ވީ (ހޯމަ) ދުވަހުގެ ރޭ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބާއްވައިފިއެވެ.

މި ޙަފްލާގައި ޖުމްލަ 09 ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމާއި ހަޔާތީ އަރުތައިގެ އިނާމު ދެބޭފުޅަކަށް އަރުވާފައިވެއެވެ. އިނާމު ލިބުނު ފަރާތްތަކުގެ ހުށަހެޅުންތަކަށް އިންސާފުވެރިކަމާއިއެކު ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ 3 މެންބަރުންގެ މައްޗަށް ހިމެނޭ ދެ ޕެނަލަކުންނެވެ. އަދި މި ޙަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް އެވެ. އަދި މި ރަސްމިއްޔާތުގައި މި ކައުންސިލްގެ ރައީސް އަލްފާޟިލް ޞަހުބާން ފަޙުމީ އަދި ހަފްލާގެ ޝަރަފްވެރި މެހުމާނު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް ނޫސްވެރިންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކާފައިވެއެވެ.

މިއަހަރު ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ފަރާތްތަކަށް ލިބުނު އިނާމުތަކުގެ ތެރޭގައި، ކޮންމެ ދާއިރާއަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ފައިސާގެ އިނާމު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ދެއްވާ ފޮތްތައް، އެސްޓީއޯއިން ދެއްވާ ޓީވީ، ވޭލް ސަބްމެރިންއިން ދެބޭފުޅަކަށް ދަތުރެއް އަދި ހަންހާރަކެފޭއިން ދެބޭފުޅަކަށް ރޭގަނޑުގެ ކެއުމެއް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އިނާމު ލިބުނު ފަރާތްތަކަށް ލިބުނު އިނާމުތަކުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް އިން ދެއްވާ -/10000 (ދިހަ ހާސް) ރުފިޔާގެ ގިފްޓް ކާރޑް، އެމް.ޑަބްލިޔު.އެސް.ސީއިން ދެއްވާ ފައިސާގެ އިނާމު، ދިރާގު ޕޯސްޓްޕެއިޑް 1000 ޕްލޭން (6 މަސްދުވަހަށް)، ފްލައިމީއިން ދެއްވާ ދެކޮޅު ޓިކެޓް، ވިލާ ކޮލެޖުން ދެއްވާ ޑިޕްލޮމާއިން ޝަރީއާ ލޯ ސްކޮލާރޝިޕް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ދެއްވާ 5000 ރުފިޔާގެ އިނާމުގެ އިތުރުން ރާއްޖޭގެ ނޫސްވެރިން ބައިވެރިވެވޭގޮތަށް ރާއްޖެއަށް ދައުވަތުލިބޭ ބޭރުގެ ކުޅިވަރެއް ކަވަރ ކުރުމުގެ ފުރުޞަތު ހޯދައިދޭގޮތަށްވަނީ ހަމަޖައްސައިފައެވެ.

 

 

'ނޫސްވެރިކަމުގެ އިނާމު 2020' ހާސިލުކުރައްވާފައިވާ ފަރާތްތަކަކީ:

1.     ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)ގެ ދާއިރާއިން:

·        މުޙައްމަދު އަޒްހީމް އަޒީޒް / ވަގުތު އޮންލައިން

2.     ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާއިން:

·        ޢަމްނާ ޢިމާދު / ރާއްޖެ ޓީވީ

3.     ސިޔާސީ ދާއިރާއިން:

·        މާހަތު ޙުސައިން ރަޝީދު / ސަންގު ޓީވީ

4.     ޝަރުއީ އަދި ޤާނޫނީ ދާއިރާއިން:

·        ލައިސާ އަޙްމަދު / ރާއްޖެ ޓީވީ

5.     ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާއިން:

·        ފާތިމަތު ޝަނާ މުޙައްމަދު / މިހާރު

6.     ކުޅިވަރުގެ ދާއިރާއިން:

·        މުޙައްމަދު ހަމްދޫން / މިހާރު

7.     ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއިން.

·        އިބްރާހީމް ޝާބިލް / ވަގުތު އޮންލައިން

8.     ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާއިން:

·        ހައްވާ މިންހާ / ސަންގު ޓީވީ

9.     ފީޗަރ / ރިޕޯޓު ދާއިރާއިން:

·        މާހަތު ހުސައިން ރަޝީދު / ސަންގު ޓީވީ

ހަޔާތީ އަރުތައިގެ އިނާމު ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަކީ:

1. އަލްމަރުޙޫމް ޙުސައިން މުޙައްމަދު (ގ. ލިއެނާ)

2. އަލްމަރުޙޫމް ޢަލީ ހުސައިން (މ. ވާރޭވިލާ)

ކޮންމެ އަހަރަކުވެސް އެންމެ ވާދަވެރި އެއް ދާއިރާކަމަށްވާ، "އެންމެ އުއްމީދީ ނޫސްވެރިޔާ"ގެ އިނާމަށް އެކަށީގެންވާ އަދަދަކަށް ހުށަހެޅުން ހުށަހަޅާފައިނުވާތީ، އުސޫލާ އެއްގޮތްވާގޮތުގެމަތިން މި ދާއިރާއިން އެއްވެސް ފަރާތަކަށް އިނާމު ލިބިފައި ނުވެއެވެ. ޖުމުލަ 12 ދާއިރާއަކުން އިނާމަށް ހުޅުވާލިނަމަވެސް 2 ދާއިރާއަކުން އެއްވެސް ހުށަހެޅުމެއް ލިބިފައެއް ނުވެއެވެ. އެއީ އޯޑިއޯ ޖާނަލިޒަމް އާއި ނިއުސް ގްރެފިކްސް އާއި އިލަސްޓްރޭޝަންސްގެ ދާއިރާއެވެ.

                          13 އޮކްޓޯބަރު 2021