ޚަބަރު

ޢިރުފާން ޢަބްދުﷲ، ވަގުތު އޮންލައިންއާ ދެކޮޅަށް ހުށަހަޅާފައިވާ ޝަކުވާ ކައުންސިލުން ބަލައި ނިންމައިފި

17 މެއި 2021 | ޚަބަރު


"35 މީހުން ފައްސިވި ޕާޓީ: ޕާޓީ ބޭއްވި މީހާ ބުނަނީ ޒިންމާ ވާންޖެހޭ ކަމެއް ނެތްކަމަށް!" މި ސުރުޚީ ގެ ދަށުން ވަގުތު އޮންލައިންގައި 27 ޑިސެމްބަރ 2020 ގައި ޝާއިޢުކޮށްފައިވާ ކޮންޓެންޓާއި ގުޅިގެން، ގއ.ދާންދޫ/އަލިވާގެ ޢިރުފާން ޢަބްދުﷲ، މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ޝަކުވާ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލައި ނިންމައިފިއެވެ. އަދި  ޝަކުވާގައި ހިމެނޭ ދެ ފަރާތަށް ޝަކުވާ ނިންމިގޮތުގެ ރިޕޯޓު މިހާރުވަނީ ފޮނުވާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ޝަކުވާ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑަ ށް ރިޢާޔަތްކޮށް، ޝަކުވާގެ ނިންމުމަށް ވާސިލުވުމުގައި މައިގަނޑު ހަތްކަމެއް ޝަކުވާ ނިންމިގޮތުގެ ރިޕޯޓުގައި ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

ފުރަތަމަކަމަކީ، ބަޔާންކޮށްފައިވާ ކޮންޓެންޓާއި ގުޅިގެން ޝަކުވާ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ދެކަމަކީ، ޝަކުވާ ހުށަހެޅި ފަރާތުގެ އަސްލު ނަން އެ ޚަބަރުގައި ހިމަނާފައިވުމާއި އަދި އޭނާގެ ފޮޓޯއެއް ހިމަނާފައިވުންކަން އެނގެންއޮންނަކަމެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު ގެ 24 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، މި ޚަބަރަކީ އޭރު މުޅި މުޖުތަމައު ވަރަށް ސަމާލުކަންދިން އަދި ކަންބޮޑުވާފަދަ ޚަބަރަކަށް ވާތީ ރައްޔިތުން ވަރަށް ބޮޑަށް އެނގެން ބޭނުންވާ މައުލޫމާތެއް ފޯރުކޮށްދިނުމުގެ ނިޔަތުގައި ޝާއިއުކޮށްފައިވާ ޚަބަރެއްކަމުގައި ޝަކުވާ ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާކަމާއި، މިއީ ޚަބަރު ނިސްބަތްވާ ފަރާތުން އާންމުކޮށްފައިވާ މައުލޫމާތަކަށް ބިނާކޮށް ގެނެސްދީފައިވާ ޚަބަރެއްކަން އެނގެންއޮންނަކަމެވެ. އަދި މި ޚަބަރުގައި އެއްވެސް ފަރާތެއްގެ އަބުރަށް ނުވަތަ ޤަދަރަށް އުނިކަން އަންނަފަދަ ކޮންޓެންޓެއް ހިމެނިފައިވާކަން ކޮމިޓީން ބެލިބެލުމުން ފާހަގަކުރެވިފައި ނުވާކަމުގައި ނިންމާފައިވެއެވެ.

ދެވަނަކަމަކީ، ނޫސްވެރިން ޚަބަރާއި މައުލޫމާތު ފަތުރާއިރު މަޢުލޫމާތުދޭ ފަރާތް ހާމަކުރުމަށް އިސްކަންދޭންވާނެކަމުގައި ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑުގައި ބަޔާންކޮށްފައިވާހިނދު، މި ޚަބަރުގައި ހިމަނާފައިވާ މައުލޫމާތަކީ، ޝަކުވާ ހުށަހެޅި ފަރާތުން ޕަބްލިކް ޑޮމެއިންއެއްގައި ނުވަތަ ސޯޝަލް މީޑިއާގައި (ފޭސްބުކް) ގައި އާންމުކޮށްފައިވާ މައުލޫމާތާއި ފޮޓޯކަމާއި، މައުލޫމާތު ނެގި މަސްދަރުގައި މައުލޫމާތު ދީފައިވާގޮތަށް އެ މައުލޫމާތު ނެގިފައިވާ މަސްދަރަށް ހަވާލާދީ  ގެނެސްދީފައިވާ ޚަބަރެއްކަން އެނގެންއޮންނަކަމެވެ.

 

ތިންވަނަކަމަކީ، ޝަކުވާ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ އެފަރާތުގެ ފޮޓޯ، މި ޚަބަރު ޝާއިޢުކުރިތާ 4 ނުވަތަ 5 ގަޑިއިރު ފަހުން ޝަކުވާ ހުށަހެޅި ފަރާތުގެ އެދުމުގެ މަތިން ޚަބަރުން އުނިކޮށްފައިވާކަން ޝަކުވާގައި ހިމެނޭ ދެ ފަރާތުގެ ބަހުންވެސް އެނގެންއޮންނަކަމެވެ. އަދި މިއީ ޝަކުވާ ރައްދުވާފަރާތުގެ އެޑިޓޯރިއަލް ޕޮލިސީގެ ތެރެއިން އެޅުނު އިންޓަރނަލް ފިޔަވަޅެއްކަން އެނގެން އޮންނަކަމެވެ.

ހަތަރުވަނަކަމަކީ، ޝަކުވާ ރައްދުވާ ފަރާތުގެ ނޫހުގައި "ރޯޔަލް ބޭފުޅަކު "ވަގުތު" ގެ މައްސަލައެއް މީޑިއާ ކައުންސިލަށް ހުށަހަޅައިފި" މި ސުރުޚީގެ ދަށުން ވަކިން ގެނެސްފައިވާ ޚަބަރަކީ މި ޝަކުވާ ހުށަހެޅި ފަހުން 28 ޑިސެމްބަރު 2020 ގައި ޝާއިއުކޮށްފައިވާ ޚަބަރެއްކަން އެނގެން އޮންނަކަމެވެ.  އެހެންކަމުން އެ ޚަބަރަކީ މި ޝަކުވާ ހުށަހެޅި ފަހުން ޝާއިއުކޮށްފައިވާ ޚަބަރަކަށްވާތީއާއި، އެ ޚަބަރާ ގުޅޭ ޝަކުވާއެއްވާނަމަ، މޯލްޑިވްސް މީޑިއާ ކައުންސިލުން ޝަކުވާ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ޝަކުވާ ހުށަހެޅުމުގެ ހައްގު އެ ކޮންޓެންޓަކަށް އިއުތިރާޒްކުރާ ފަރާތަކަށް ލިބިދީފައިވާތީ، އެއީ މި މައްސަލައިގެ ތެރެއިން ރިއާޔަތްކުރަން ޖެހޭ ޚަބަރެއް ނޫންކަމަށް ކޮމިޓީއިން ފާހަގަކޮށްފައިވެއެވެ.

ފަސްވަނަކަމަކީ، ބަޔާންކޮށްފައިވާ ޚަބަރުގައި ޝަކުވާ ރައްދުވާފަރާތުން ހާމަކޮށްފައިވާ އެއްވެސް ވަޤާއިޢު (ފެކްޓްސް) އަކަށް ޝަކުވާ ހުށަހެޅި ފަރާތުން އިންކާރުކޮށްފައިނުވާކަމެވެ. އެހެންކަމުން، ކޮމިޓީން ބެލި ބެލުމުން މި ޚަބަރުގައި ދޮގު މައުލޫމާތެއް ނުވަތަ ސައްހަ ނޫން މައުލޫމާތެއް ހިމެނޭކަން ފާހަގަކުރެވިފައިނުވާތީ، މި ކޮންޓެންޓަކީ، ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑުގެ މައިގަނޑު އުސޫލުތަކާއި ޚިލާފު ކޮންޓެންޓެއްގެ ގޮތުގައި ފާހަގަކުރެވިފައެއް ނެތްކަމަށެވެ.

ހަވަނަކަމަކީ، މި ޚަބަރުގައި ހިމެނޭ ހާދިސާއާ ގުޅޭ ޚަބަރު، އެންމެ ފުރަތަމަ ގެނެސްދީފައިވަނީ ޝަކުވާ ރައްދުވާ މީޑިއާ ނޫން އެހެން މީޑިއާއަކުންކަމަށް ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، ޝަކުވާ ރައްދުވާ މީޑިއާގައި މި ޚަބަރުގައި ހިމެނޭ ހާދިސާއާ ގުޅޭ ޚަބަރު ގެނެސްދީފައިވަނީ، ރައްޔިތުންނަށް ކޮންމެހެން އެނގުމަށް ބޭނުންވާނެކަމަށް އެފަރާތަށް ގަބޫލުކުރެވޭ އިތުރު މައުލޫމާތު ހިމަނައިގެން ގެނައުމުގެ މަޤްސަދުގައިކަން އެ ފަރާތުގެ ބަހުން އެނގެންއޮންނަކަމެވެ. އަދި މި ކޮންޓެންޓްގައި އިތުރަށް ހާމަކޮށްފައިވަނީ، ޝަކުވާ ހުށަހެޅި ފަރާތުން އަމިއްލައަށް އޭރުވެސް މުޖުތަމައުއަށް އާންމުކޮށްފައިވާ މައުލާމާތަކަށްވާތީ، ޒާތީ މިނިވަންކަމުގެ ދާއިރާއަށް ނުހައްގުން ވަނުންކަމުގައި ބެލެވެންނެތ ްކަމާއި، ޑަބްލިއު.އެޗް.އޯ އާއި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި ޚިލާފަށް ޒާތީ މައުލޫމާތު ހާމަކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުމުން އެނގެން ނެތްކަމަށެވެ.

ހަތްވަނަކަމަކީ، ޚަބަރުގައި ޝާއިއުކޮށްފައިވާ ކޮމެންޓް ޝާއިއުކޮށްފައިވަނީ ޝަކުވާ ރައްދުވާ ފަރާތުގެ އެޑިޓޯރިއަލް ޕޮލިސީއާ އެއްގޮތްވާގޮތުގެ މަތިންކަމުގައި އެ ފަރާތުން  ފާހަގަކޮށްފައިވާކަމެވެ. އަދި ކޮމެންޓްތަކާ ގުޅުވައިގެން އިތުރު ޚަބަރެއް ގެނައުމަކީ މި ޚަބަރު އަލުން އާންމުވުން އެކަށީގެންވާކަމަކަށްވާތީ، އެފަދަ އެންގުމެއް އެންގުމަކީ މިވަގުތަށް އެންމެ މަޞްލަޙަތު ހުރި ހައްލުކަމުގައި ކޮމިޓީއަށް ނުފެނުނެވެ. މީގެ އިތުރުން ޝަކުވާ ހުށަހެޅި ފަރާތުގެ އާއިލާއާ ގުޅުވައިގެން ގެނެސްދީފައިވާކަމަށް އެ ފަރާތުން ފާހަގަކުރާ ކޮމެންޓްތަކަކީ، 27 ޑިސެމްބަރު 2020 ގައި  ވަގުތު އޮންލައިންގައި "35 މީހުން ފައްސިވި ޕާޓީ" ޕާޓީ ބޭއްވި މީހާ ބުނަނީ ޒިންމާވާން ޖެހޭ ކަމެއް ނެތް ކަމަށް!" މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރުގައި ހިމަނާފައިވާ ކޮމެންޓްތަކެއް ނޫންކަން ފާހަގަކުރެވިފައިވާކަމެވެ.

 

 

ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މައްސަލަ ބެލި ކޮމިޓީން ނިންމާފައިވަނީ، މި ޚަބަރަކީ، ޤާނޫނު ނަންބަރު 15/2008 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2011/R-4 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު) އާއި ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި ޚިލާފު ލިޔުމެއްކަމުގައި ކަނޑައަޅާނެތަނެއް ނެތްކަމަށް ޝަކުވާ ބެލި ކޮމިޓީއަށް ފެންނާތީ، މި ޝަކުވާގައި، ޝަކުވާ ހުށަހެޅި ފަރާތުން އެދުނު ގޮތަށް ޝަކުވާ ރައްދުވާ ފަރާތުން މަޢާފަށް އެދެން އަންގާނެ ތަނެއް ނެތްކަމުގައެވެ.

މި ޝަކުވާ ނިންމިގޮތުގެ ގޮތުގެ ތަފްޞީލު ރިޕޯޓު މިހާރު މިކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެއެވެ.