ޚަބަރު

ކޯވިޑް-19 އާ ގުޅޭ ޚަބަރާއި މަޢުލޫމާތު ޢާއްމުކުރުމުގައި ޤައުމީ މަސްލަޙަތު އިސްކޮށް ތެދު މަޢުލޫމާތު ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރެއްވުން

11 މާރޗް 2020 | ޚަބަރު

 

ކޯވިޑް-19 އާ ގުޅޭ ޚަބަރާއި މަޢުލޫމާތު ޢާއްމުކުރުމުގައި ޤައުމީ މަސްލަޙަތު އިސްކޮށް ތެދު މަޢުލޫމާތު ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

 

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ އައްބާސް އިބްރާހީމް (ނޢޢވ) އަށް، 2018 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން އެރުވި އެވޯޑް، ނޫސްވެރިކަމުގެ އަލިމަސް ޝަރަފު ގަލަން އައްބާސް އިބްރާހީމާ ޙަވާލުކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިޒަމާނަކީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަކަމާއެކު ޚަބަރު ފެތުރުމައި ޚިޔާލު ފާޅުކުރުމުގެ މަގު ފަހިވެފައިވާ ޒަމާނެއްކަމަށެވެ. އެގޮތުން ބައެއް މީހުން ފަތުރާ މަޢުލޫމާތުގެ ސަބަބުން ތެދު ދޮގަށްވެ ދޮގު ތެދަށް ވާޙާލަތުވެސް މެދުވެރިވަމުންދާކަމަށެވެ. އެހެންކަމުން ޢާއްމު ރައްޔިތުންނަށް ޞައްޙަ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށްބޮޑުކަމަށެވެ.

 

ވަކިން ޚާއްސަކޮށް، މިދަނޑިވަޅަކީ ކޯވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާ ދުވަސްވަރެއްކަމުން މިކަމުގެ އެންމެ ޞައްޙަ ދެތު މަޢުލޫމާތު ޢާއްމުންނަށް ފޯރުކޮށްދިނުމަށް ދިވެހި ހުރިހާ ނޫސްވެރިންގެ ކިބައިން އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައްބާސް އިބްރާހީމް (ނޢޢވ) ވިދާޅުވީ އިހުގެ ނޫސްވެރިކަމާއި މިޒަމާނުގެ ނޫސްވެރިކަން ވަރަށްތަފާތުކަމަށެވެ. އެންމެބޮޑު ތަފާތަކީ ކުރިން ނޫސްތަކާއި ޓީވީ/ރޭޑިއޯއިން ކިޔާ ޚަބަރަކީ އެންމެ ޞައްޙަ ދެތު މަޢުލޫމާތުކަމަށް ޢާއްމުރައްޔިތުން ޤަބޫލުކުރާކަމަށް އައްބާސް ވިދާޅުވިއެވެ. އެހެންނަމަވެސް މިޒާމުގެ ނޫސްތަކުގައި ކޮންމެއެއްޗަކީ ޞައްޙަ އެއްޗެއްކަމަށް ޤަބޫލުކުރަން ދަތި މިންވަރަށް ޞައްޙަނޫން މަޢުލާތު ހާމަކުރުން އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

 

އަދި ދިވެހި ނޫސްވެރިކަން ހަރުދަނާކޮށް ކުރިއަރުވަން މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭނުންވާ ކޮންމެ އެއްބާރުލުމެއް ދެއްވާނެކަމަށް އައްބާސް އިބްރާހީމް ވިދާޅުވިއެވެ.

 

މިއަދުގެ ރަސްމިއްޔާތުގައި އައްބާސް އިބްރާހީމް (ނޢޢވ) އަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ އާއި ކައުންސިލްގެ ބައެއް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެވަޑައިގަތެވެ.

 

11 މާރޗް 2020