ޚަބަރު

އިންސާނީ ވަގުފާރިއާއި ގުޅޭގޮތުން މީޑިއާ ހޭލުންތެރިކުތުމަށް ވެބިނަރއެއް ކުރިއަށް ގެންގޮސްފި

05 އޮކްޓޯބަރު 2020 | ޚަބަރު


އިންސާނީ ވަގުފާރިއާ ގުޅޭގޮތުން މީޑިއާ ހޭލުންތެރިކުރުމުގެ ގޮތުން ވެބިނަރ އެއް ބާއްވާފިއެވެ.

 

3 އޮކްޓޫބަރ2020، ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ވެބިނަރއަކީ ފުލުހުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ވެބިނަރއެކެވެ.

 

މި ވެބިނަރގައި ހިއުމަން ޓްރެފިކިންނަކީ ކޮބައިކަމާއި ހިއުމަން ސްމަގްލިންނަކީ ކޮބައިކަމާއި އަދި ހިއުމަން ޓްރެފިކިންނާއި ހިއުމަން ސްމަގްލިންގެ ތަފާތުތަކާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން މިވެބިނަރގައި ވަނީ މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނާ ގުޅޭގޮތުންވެސް މައުލޫމާތު ދިނުމުގެ އިތުރުން ވެބިނަރގައި ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

 

ވެބިނަރ ފެށުމުގެ ގޮތުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވަނީ ކީނޯޓް ތަގުރީރެއް ދެއްވާފައެވެ. މި ވެބިނަރގައި މައުލޫމާތު ދެއްވާފައިވަނީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުހައްމަދު ޖިނާހް، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުހައްމަދު އަދުހަމް އަދި ޕޮލިސް ސްޓާފް ސަރޖަންޓް ހަސަން ރަޝީދު އެވެ. ވެބިނަރގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ  އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަވީދު މޫސާއެވެ.

 

3 އޮކްޓޫބަރ 2020