ޚިޠާބު

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ ޚިޠާބު

03 މެއި 2017 | ޚިޠާބު

ކީރިތިވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެކަލާނގެ، ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވި މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. އެއަށްފަހު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ އެންމެހައި މީޑިއާތަކަށާއި ނޫސްވެރިންނަށް ފޮނުވަމެވެ.

ޔުނެސްކޯގެ ޖެނެރަލް ކޮންފަރެންސްގެ ލަފާގެމަތިން، ހާހާއި ނުވަސަތޭކަ ނުވަދިހަ ތިންވަނަ އަހަރުގެ ޑިސެންބަރު މަހު، އދ. ގެ ޖެނެރަލް އެސެމްބްލީ އިން ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އިޢުލާންކުރެއްވިއެވެ. އޭރުއްސުރެ ކޮންމެ އަހަރެއްގެ މޭ މަހުގެ 3 ވަނަ ދުވަސް ފާހަގަކުރެވެމުން މިދަނީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ އުޞޫލުތައް ނެގެހެއްޓުމަށްޓަކައެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތްގޮތް ވަޒަންކޮށް، އެކަށޭނަ ޙައްލުތައް ހޯދުމަށްޓަކައެވެ. މި އަހަރު އަޅުގަނޑުމެންގެ ރާއްޖޭގައި މިދުވަސް ފާހަގަކުރާއިރު، މިރާއްޖޭގެ ނޫސްވެރިކަމުގެ ޢުމުރު 74 އަހަރަށް އެބަވާޞިލުވެއެވެ.

މަތިވެރި މަޤުޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި ފާހަގަކުރެވޭ ބައިނަލްއަޤުމީ މި މުހިންމު ދުވަސް އަޅުގަނޑުމެންނާ ބައްދަލުވާއިރު، މޯލްޑިވްސް މީޑިއާ ކައުންސިލުން ދަނީ މީޑިއާއާއި، ނޫސްވެރިންނަށްޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ. ހިނގަމުންމިދާ މީޑިއާ ކައުންސިލުގެ ހަތަރުވަނަ ދައުރުގައި ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ އުޞޫލުތަކާއި ހަމަތައް އެކުލަވާލުމެވެ. އެއީ، މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަމަށް ހުރަސްއެޅޭ ގޮތަށް ނުވަތަ އުނިކަން ލިބޭ ގޮތަށް އެކި ފަރާތްތަކުން ހިންގާ ޢަމަލުތަކާ ގުޅިގެން، މީޑިއާ އޯގަނައިޒޭޝަންތަކާއި، ކްލަބް، ޖަމްޢިއްޔާތަކާއި، ނޫސްވެރިންނާއި، ބްރޯޑްކާސްޓަރުންނާއި، ޢާންމު ފަރުދަކު މީޑިއާ ކައުންސިލުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، ހުށަހަޅާ ކަންކަން ބެލުމަށްޓަކައެވެ.

މިހާރު ދިވެހިރާއްޖޭގައި އޮތް މީޑިއާއާމެދު އެކިއެކި ފަރާތްތަކުންނާއި ރައްޔިތުން ދެކޭ ގޮތް، ފުޅާ ދާއިރާއެއްގައި ދެނެގަތުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތަކީ، ކަމާބެހޭ ދިރާސާތަކަށް ފިޔަވަޅު ސީދާކޮށް، އެއަށް ޢަމަލީ ސިފަ ގެނައުމެވެ.

މީޑިއާ ކައުންސިލުގެ ޢުމުރުން ހަތަރުވަނަ ދައުރު ފެށުނުއިރު، މަސްރަޙުގައި ކުރިން ނެތް އާ ޤާނޫނާއި އުޞޫލު ވަނީ ވުޖޫދުވެފައެވެ. އޭގެ ސަބަބުން، މީޑިއާ ކައުންސިލުގެ ދައުރަށް ވަނީ އިންޤިލާބެއް އައިސްފައެވެ. މީޑިއާތަކާއި ނޫސްވެރިންނަށް ވެސް ވަނީ އާ ތަޖުރިބާތަކެއް ކުރަން ޖެހިފައެވެ. އިހުނަށްވުރެ ބޮޑަށް ލޯހުޅުވަންޖެހިފައެވެ. ޒިންމާދާރު، ބިނާކުރަނިވި އަސާސެއްގެ މަތީގައި މީޑިއާގެ މަސައްކަތްތައް ކުރަންޖެހިފައެވެ. އާ އުސްމިންތަކެއް ޙާޞިލުކުރުމަށް މުހުތާދުވެފައެވެ.

މި ދަނޑިވަޅުގައި، ނޫސްވެރިންގެ ފެންވަރާއި، ޤަދަރު މަތިވެރިކުރުމަށް މީޑިއާ ކައުންސިލުން ވަނީ އާ ޢަޒުމެއް ކަނޑައަޅާފައެވެ. ބަދަލުވަމުންދާ ޒަމާނާއެކު ވާޞިލުވާން ބޭނުންވާ އުސްމިންތަކަށް އަރަން އޮތް ހަރުފަތަކީ، ތަޢުލީމާއި ތަމްރީނު ކަމުގައި ބަލައިގެންނެވެ. މި މަތިވެރި ޢަޒުމު ޙަޤީޤަތަކަށް ހެދުމަށްޓަކައި މީޑިއާ ކައުންސިލުން ވަނީ، އިތުރު ބައިވެރިންތަކަކާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ތައްޔާރުވެފައެވެ. އޭގެ މައިގަނޑު އެއް އަމާޒަކީ، ނޫސްވެރިންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ލިބޭނެ މަގުތައް ފަހިކޮށްދިނުމެވެ. އަނެއް އަމާޒަކީ، ނޫސްވެރިންގެ ޤަދަރު މަތިވެރިކޮށް، ޤާނޫނީ ހަމަތަކުގެމަތިން މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް އެ މިނިވަންކަން ދެމެހެއްޓުމެވެ.

މީޑިއާ ކައުންސިލުގެ ޢުމުރުން ވޭތުވެދިޔަ ތިން ދައުރުގައި ވެސް މުހިންމު މަޤުޞަދުތަކެއް ޙާޞިލުކޮށްފައި ވެއެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް މަޤުޞަދަކީ، މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ޢަމަލުކުރައްވަންވީ ހަމަތަކާއި، އެ ފަރާތްތަކުގެ އަޚުލާޤީ މިންގަނޑުތައް އެކަށައެޅުމެވެ. އަދި ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. ނޫސްވެރިންގެ އަގު ވަޒަންކޮށް، ނޫސްވެރިންގެ ކުރިއެރުމަށްޓަކައި މަސައްކަތްކުރުމެވެ. އެ ކަންކަމަށްޓަކައި އެ ދައުރުތަކުގެ ޢިއްޒަތްތެރި މެމްބަރުންނަށާއި އިސް ވެރިންނަށް ޝުކުރާއި ތަޢުރީފު ދަންނަވަމެވެ.

ކުރީގެ ދައުރުތަކުގައި މީޑިއާ ކައުންސިލުން ކުރައްވާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ނޫސްވެރިކަމުގެ އިނާމު ދިނުމެވެ. އެކަމަކީ، މި ދައުރުގައި ވެސް ކުރުމަށް ރޭވިފައިވާ ކަމެކެވެ. އެހެނަސް ބައެއް ސަބަބުތަކާހެދި، 3 މޭ ގައި އެ މުހިންމު އިޙުތިފާލު ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. މައިގަނޑު އެއް ސަބަބަކީ، އެ ޤަވާޢިދު ގެޒެޓްގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވިފައި ނެތުމާއެކު، އެކަމާބެހޭ އިޖުރާއާތުތައް ފުރިހަމަކުރަންޖެހުމެވެ. މިހާރުވަނީ، ދާއިމީ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދު ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއަށް ފޮނުވާފައެވެ. އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު ގަވާއިދު އާންމުކޮށް، މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ދޭ އިނާމުދިނުން ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

އަޅުގަނޑުގެ ދުޢާއަކީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، އެއީ ރާއްޖޭގެ މީޑިއާތަކަށާއި، ނޫސްވެރިންނަށް މަންފާހުރި މަސައްކަތްތަކެއް ކަމުގައި މާތް ﷲ ލެއްވުމެވެ. އަދި ދިވެހިރާއްޖޭގެ މީޑިއާތަކަށާއި، ނޫސްވެރިންނަށް ފާގަތި މުސްތަޤުބަލެއް، އެކަލާނގެ މިންވަރުކުރެއްވުމެވެ.

ވައްސަލާމު ޢަލައިކުމް ވަރަޙުމަތުﷲ.

7 ޝަޢުބާން 1438

3 މޭ 2017